Muhammed Al-Maldheefi's Kunnââsha

Description
އުއްމަތުގެ ސަލަފުންނާ އެބޭކަލުންނަށް ތަބަޢަވި އިމާމުންނާ ޢިލްމުވެރިންގެ އަރިހުން ހޮވާލެވޭ ފައިދާތައް، އަދި ބައެއް ޒަމާނީ ކަންކަމާމެދު ގަލަން ހިންގާލުމެއް
Advertising
We recommend to visit

• ᴏғғɪᴄɪᴀʟ  ᴄʜᴀɴɴᴇʟ 🫀🕊

• мʏɜыᴋᴀᴧьнᴀя ᴀᴛʍᴏᴄɸᴇᴩᴀ 🌪

• оҕнᴏʙᴧᴇния кᴀждый дᴇнь 👑

• тᴏᴧьᴋᴏ хиᴛᴏʙыᴇ тᴩᴇᴋи и видᴇᴏ🚀

• тᴏᴨᴏʙыᴇ кᴀᴩᴛинᴋи 🐋

• пᴩияᴛнᴏᴦᴏ пᴩᴏᴄᴧʏɯиʙᴀния 🌚

• Ⲧⲟⳑⲕⲁ ⲕⲁⲓϝϝ 🍇

• создᴀтᴇль: @Im_orginal ❤️🐊

Last updated 9 hours ago

Last updated 7 months, 3 weeks ago

Last updated 11 months, 3 weeks ago

8 months ago

?އައްޝަޢުބީ (104ހ) ވިދާޅުވިއެވެ:

”އަލްއަޝްޢަޘު ބްނު ޤައިސު (40ހ)، ޢަދިއްޔު ބްނު ޙާތިމު (68ހ) ގެ އަރިހުން ޙާތިމުގެ ތެލިތައް ބޭނުންކޮށްލަން ދިނުމަށް އެދި ފޮނުއްވިއެވެ.

ދެން ޢަދިއްޔު އަމުރުކުރައްވާ އެތެލިތައް (އެކިކަހަލަ އެއްޗެހި) އަޅާ ފުރާލެވުނެވެ.
އަދި އެތަކެތި އުފުލައިގެން މީހުން އަޝްޢަޘުގެ އަރިހަށް ދިޔައެވެ.

ދެން އަޝްޢަޘު މިހެން ބުނެފައި ފޮނުއްވިއެވެ:
"އަހަރެން އެތެލިތައް ބޭނުންވީ ހުހަށެވެ."

ޖަވާބުގައި ޢަދިއްޔު ފޮނުއްވިއެވެ:
"(ބޭނުންކޮށްލަން ވިޔަސް) އަހަރުމެން އެތަކެތި އެއްޗެއްނެތި ހުހަކަށް ނުދެމެވެ." “

? އަލްއިޝްރާފު ލިއިބްނު އަބިއް ދުންޔާ، ތާރީޚު ދިމަޝްޤު ?

8 months ago

?ޢުމަރު ބްނުލް ޚައްޠާބު (23ހ) ވިދާޅުވިއެވެ:

”މީހާ ހަމަ އެއްޗެއް ބޭނުންވެ ހިތްކިޔާއިރަށް [އެހެން ރިވާޔަތެއްގައި: ގޮސް އެއެއްޗެއް ގަނެގެން] ކެއުން އިސްރާފުކުރުމެއް ކަމުގައި ފުދެއެވެ!“

? ތަފްސީރު ޢަބްދުއް ރައްޒާޤު، އައްޒުހްދު ލިއަޙްމަދު، އައްޒުހްދު ލިއިބްނުލް މުބާރަކު ?

8 months, 1 week ago

=== އެކަމަށްވާ ދަލީލަކީ: ޤަޞްދުގައި މަރާލުމުގައި ފިރިހެނާއާއި އަންހެނާ އެއްވަރުވެއެވެ. އެއީ އެމީހަކު ޤަތުލުކޮށްފި މީހާގެ މައްޗަށް ޤިޞާޞް ހިފުންވެއެވެ. އަދި ލޭގެ ވާރިޘުން މަރުގެދިޔަ ނަގަން ބޭނުންވެއްޖެއްނަމަ މަރުގެދިޔައިގައިވެސް އެއްވަރުވެއެވެ.

އެހެނީ ޤަޞްދުގައި ޤަތުލުކޮށްލުމުގައިވަނީ: އެއްވެސް ޙައްޤު ވަޖްހެއްނެތި އިންސާނެއްގެ ނަފްސު ދުއްވާލާ އަރައިގަތުމެވެ. އަދި ނަފްސުތަކުގެ ޙައްޤުތައްވަނީ ޝަރުޢީގޮތުން އެއްވަރުވެގެންނެވެ.

އެއާ ޚިލާފަށް، ޤަޞްދަކާއި ނުލާ އޮޅިގެން ޤަތުލުކޮށްލުމުގައި، އޭގައި ޤަތުލުކޮށްލުމަށް އަދި ފުރާނަ ދުއްވާލުމަށް ޤަޞްދުކުރެވިފައި ނުވެއެވެ. އެހެންކަމުން މަރާލެވުނު މީހާގެ އަހުލުންނަށް ޖެހުނު މުދަލުގެ ގެއްލުމަށް އޭގައި ބެލި ބަދަލު ދެވެނީއެވެ.

ނަމަވެސް ﷲ ގެ ޝަރުޢުތަކާއި ޙުކުމްތަކުގެ އަޞްލަކީ: މުސްލިމްއަޅާ ﷲ އަށް ބޯލަނބައިގެން އަދި އެކަލާނގެ ޝަރުޢާއި ޙިކުމަތްފުޅު ބަލައިގަތުމެވެ. އަދި މިހިރަ ޢިއްލަތްތަކާއި ޙިކްމަތްތަކަކީ ކޮށިވެގެންވާ އުނި ވާހަކަތަކެކެވެ. ފަހަރެއްގައި އެއްޖީލުން އަނެއް ޖީލަށް، އެއްބުއްދިން އަނެއް ބުއްދިއަށް ބަލާއިރު އެއަށް ގޯހާއި ފުށޫއެރުން ވަދެދާނެއެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
{إِنَّمَا كَانَ ‌قَوۡلَ ‌ٱلۡمُؤۡمِنِينَ إِذَا دُعُوٓاْ إِلَى ٱللَّهِ وَرَسُولِهِ لِيَحۡكُمَ بَيۡنَهُمۡ أَن يَقُولُواْ سَمِعۡنَا وَأَطَعۡنَاۚ وَأُوْلَٰٓئِكَ هُمُ ٱلۡمُفۡلِحُونَ}[النور:٥١]
"އެއުރެންގެ މެދުގައި، ޙުކުމް ކުރުމަށް އާއި، އެކަލާނގެ ރަސޫލާގެ އަރިހަށް އައުމަށް، އެއުރެންނަށް ގޮވައިލެވޭހިނދު، މުއުމިނުންގެ ބަހެއްކަމުގައިވާކަން ކަށަވަރީ، ތިމަންމެން އަހައިފީމުއޭ، އަދި ތިމަންމެން ކިޔަމަންވެއްޖައީމުއޭ، ބުނުމެވެ. އަދި ކާމިޔާބުވާނެ މީހުންނަކީ، ހަމަ އެއުރެންނެވެ." “

-ފަހްދު އަލްޣުފައިލީ-

4⃣

8 months, 1 week ago

=== އަދިވެސް އަންހެނުންގެ މައްޗަށް ފިރިހެނުން މަތިވެރިކުރެއްވުމުގެ ކަންތަކުގައި އެކަލާނގެ ވަޙީކުރެއްވިއެވެ. އެއީ ބައެއް އަންހެނުން ފިރިހެނުންނަށް ދެއްވިފައިވާ ޙުކުމްތައް ހޯދުމަށް އެދި އުއްމީދުކުރިހިނދުއެވެ:
{وَلَا تَتَمَنَّوۡاْ مَا فَضَّلَ ٱللَّهُ بِهِۦ بَعۡضَكُمۡ عَلَىٰ بَعۡضٍ لِّلرِّجَالِ نَصِيبٌ مِّمَّا ٱكۡتَسَبُواْۖ وَلِلنِّسَآءِ نَصِيبٌ مِّمَّا ‌ٱكۡتَسَبۡنَۚ} [النساء: ٣٢]
"ތިޔަބައިމީހުންގެ ތެރެއިން އެއްބަޔެއްގެ މައްޗަށް އަނެއްބަޔަކު މާތްކުރައްވައި، މޮޅުކުރެއްވި ކަންތަކަށް ތިޔަބައިމީހުން ނޭދޭށެވެ! ފިރިހެނުންނަށްވެސް، އެއުރެން ހޯދި ކަމެއްގެ ޖަޒާ ވެއެވެ. އަދި، އަންހެނުންނަށްވެސް، އެކަނބަލުން ހޯދި ކަމެއްގެ ޖަޒާ ވެއެވެ."

އެހެންކަމުން އަޅާއަށް، އަދި މަދު އެއްޗެއް މެނުވީ ޢިލްމާއި ޙިކްމަތް ދެއްވިގެންނުވާ ޖާހިލު މަޚްލޫޤު، އެންމެ ދުރުމިނަށްވާ ޙިކުމަތާއި ހުރިހާ ޢިލްމެއްގެ ވެރި އިލާހު، ޚާލިޤުވަންތަ ކަލާނގެއަށް އިޢުތިރާޟުކޮށް ދެކޮޅުހެދުމަކީ ލިބިގެންވާ ޙައްޤެއް ނޫނެވެ!

ދެންފަހެ އިސްލާމްދީނަށް ނިސްބަތްވެގެންހުރެ، އެއާއެކު ﷲ އޭނާއަށް އަނިޔާވެރިކަމަށް ޝައްކުކުރާ މީހާއާމެދު ކޮންފަދަހެއްޔެވެ؟!
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:

{أَفِي قُلُوبِهِم مَّرَضٌ ‌أَمِ ‌ٱرۡتَابُوٓاْ أَمۡ يَخَافُونَ أَن يَحِيفَ ٱللَّهُ عَلَيۡهِمۡ وَرَسُولُهُۥۚ بَلۡ أُوْلَٰٓئِكَ هُمُ ٱلظَّٰلِمُونَ.} [النور: ٥٠]
"އަޅެފަހެ އެމީހުންގެ ހިތްތަކުގައި ބައްޔެއްވަނީހެއްޔެވެ؟ ނުވަތަ އެމީހުންނަށް ޝައްކުވީހެއްޔެވެ؟ ނުވަތަ اللّه އާއި އެކަލާނގެ ރަސޫލާ އެމީހުންގެ މައްޗަށް އަނިޔާވެރިވެދާނެކަމަށް އެމީހުން ބިރުހީވީހެއްޔެވެ؟ އަދި ކިއެއްތަ، ކަނޑައެޅިގެން އެމީހުން އެއީ އަނިޔާވެރިންނެވެ."

ދީން ޤަބޫލު ނުކުރާ މުލްޙިދުންނާއި އެހެން މީހުން: ޢަދުލުވެރިކަމަކީ ދެޖިންސުގެ ދެމެދުގައި ހަމަހަމަކޮށް އެއްވަރުކުރުންކަމަށް ބުނާތީވެ، ﷲ ތަޢާލާ އޭނާއަށް ދަތިކުރައްވާ ބޭއިންސާފުވެރިވެ، އަދި އެކަލާނގެ ޝަރީޢަތުގެ ކަންކަމުން އޭނާއަށް އަނިޔާވެރިވަނީކަމަށް މުސްލިމެއްގެ ނަފްސަށް ވަދެގެންވާނީ ކިހިނަކުންހެއްޔެވެ؟

މުހިއްމު ޤަވާޢިދެއް:
ދުނިޔަވީ ޝަރުޢީ ޙުކުމްތަކުގައި މަތިވެރިކުރެއްވި މާތްކުރެވުމުގެ މާނައަކީ: ﷲ ތަޢާލާގެ ޙަޟްރަތުގައި މަތިވެރިވެ މާތްވެގެންވުމެއް ނޫނެވެ!
އަދި އޭގެ މާނައަކީ މަތިވެރިކުރެވުނު މީހާދެކެ އަނެއް މީހާއަށްވުރެ ﷲ ލޯބިވެވޮޑިގެންވާކަމެއްވެސް ނޫނެވެ.

ފަހެ ﷲ ގެ ޙަޟްރަތުގައި މާތްވެ މަތިވެރިވުމާއި، ކަރާމާތާއި، ލޯބިވަނީ ﷲ ގެ އަމުރުފުޅަށް ޢަމަލުކޮށް އެކަލާނގެ ޝަރީޢަތަށް ބޯލަނބާ، ﷲ އަށް ތަޤުވާވެރިވެ އެކަލާނގެއަށް ކިޔަމަންތެރިވާ މީހަކަށެވެ.

އެކަލާނގެ ވަޙީކުރެއްވިއެވެ:
{إِنَّ أَكۡرَمَكُمۡ عِندَ ٱللَّهِ ‌أَتۡقَاكُمۡ إِنَّ ٱللَّهَ عَلِيمٌ خَبِير}[الحجرات:١٣]
"ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން ﷲ ގެ ޙަޟްރަތުގައި އެންމެ މާތް ވެގެންވަނި ތިޔަބައިމީހުންގެ ތެރެއިން އެންމެ ތަޤުވާވެރި މީހާއެވެ. ހަމަކަށަވަރުން ﷲ އީ މޮޅަށް ދެނެވޮޑިގެންވާ ޚަބަރު ލިބިވޮޑިގެންވާ އިލާހެވެ."

ﷲ ގެ ޙަޟްރަތުގައި މާތްކަމާއި މަތިވެރިކަންވަނީ ތަޤުވާވެރިކަމާއި އަޅުވެރިކަމުންނެވެ. ޖިންސާއި ދުނިޔަވީ ތަޝްރީޢީ ޙުކުމްތަކުގެ ސަބަބަކުން ނޫނެވެ!

އެގޮތުން އީމާންނުވާ ހުރިހާ ފިރިހެނުންނަށްވުރެ މުއުމިނު އަންހެނާ ﷲ ގެ ޙަޟްރަތުގައި ހެޔޮވެ މާތްވެގެންވެއެވެ.
އަދި ޞާލިޙު އަންހެނާ، ބިމުގައިވާ ހުރިހާ ފާސިޤު ފިރިހެނުންނަށްވުރެ ﷲ ގެ ޙަޟްރަތުގައި މާތްވެގެންވެއެވެ!

އަދި ޝަރުޢީ ޙުކުމްތަކުން ފިރިހެނުން މަތިވެރިވެގެންވުމަކުން، އެމީހުން ކާފަރުންކަމުގައި ނުވަތަ ނުބައި ފާޖިރުންކަމުގައި ނުވަތަ ޣައިރު ޞާލިޙުންކަމުގައިވާނަމަ އެއިންކުރާނޭ ފައިދާއެއް ނެތެވެ.

މިދިގު މުޤައްދިމާއަށް ފަހުގައި ޚާއްޞަކޮށް މަރުގެދިޔައިގެ މައުޟޫގައި އަހަރެން ބުނަމެވެ:
ފިރިހެނާގެ މަރުގެދިޔައިގެ ދެބައިކުޅަ އެއްބައިގެ މައްޗަށް އަންހެނާގެ މަރުގެދިޔަވުމުގެ ޙިކްމަތްތަކުގެ ތެރޭގައި ޢިލްމުވެރިން ޛިކުރުކުރައްވާ ގޮތުގައި: މަރުގެދިޔައަކީ ޤަތުލުކޮށްލެވުނު އިންސާނާގެ އަގުކޮށްގެންވާ އެއްޗެއް ނޫނެވެ.

އެކަމަކު އެއީ އޭނާގެ އަހުލުންނާއި ދަރިންގެ މައްޗަށް ކުރިމަތިވި މާލީ މާއްދީ ގެއްލުމުގެ އަގުކޮށްފައި ކުރެވޭ ތަޤްދީރެކެވެ.

އެހެނީ ޢާއިލާއަށް އެވަނީ އެމީހުންނަށް ޚަރަދުކުރުމުގެ ތަކްލީފު ޖެއްސެވިގެންވާ މީހާ ގެއްލިގޮސްފައެވެ. އަދި އަންހެނާއަށް ބަލާއިރު އޭނާގެ އަޞްލަކީ ޢާއިލާއާއި ދަރިންނަށް އޭނާ ޚަރަދުކުރަން ނުޖެހުމެވެ.
އެހެންކަމުން އެއީ މުދަލުގެ ގޮތުންވީ ގެއްލުމަށް ދެވޭ ބަދަލެކެވެ. އިންސާނާގެ އަގުކޮށްފައި ދެވޭ އެއްޗެއް ނޫނެވެ.===

3⃣

8 months, 1 week ago

=== އަދި ރަސޫލުންގެ ތެރެއިންވާ އުލުލް ޢަޒްމުގެ ބޭކަލުން އެހެން ބޭކަލުންގެ މައްޗަށް މަތިވެރިކުރައްވާ، އަދި އަހަރުމެންގެ ނަބިއްޔާ އެހެން ހުރިހާ ނަބިއްޔުންގެ މައްޗަށް މާތްކުރެއްވިއެވެ.

އަދި ﷲ ބައެއް އުއްމަތްތަކާއި ދަރިފަސްކޮޅު އަނެއްބައި މީހުންގެ މައްޗަށް މާތްކުރެއްވިއެވެ.
އެގޮތުން އެންމެ ފުރަތަމަ ޒަމާނުގައި އުޅުނު ބަނީ އިސްރާއީލުގެ މީހުން ޢާލަމްތަކުގެ މައްޗަށް މަތިވެރިކުރެއްވިއެވެ. އެއީ އެމީހުން އީމާންވެ ﷲ ގެ ޝަރުޢަށް ތަބަޢަވަމުންދިޔަ މުއްދަތުގައިއެވެ. އަދި އެމީހުންގެ ތެރޭގައި ނަބިއްޔުންނާއި ޢިލްމުވެރިންނާއި އަޅުވެރިން ލެއްވިއެވެ.

އަދި އެކަލާނގެ ޢަރަބިންގެ ޖިންސު އެހެން ހުރިހާ އުއްމަތްތަކާއި ރައްޔިތެއްގެ މައްޗަށް މާތްކުރެއްވިއެވެ. އަދި އެމީހުންގެ ތެރެއިން ނަބީކަން ޚަތިމުކުރެއްވި ކަލޭގެފާނު ލައްވާ، އަދި ޤުރްއާނާއި އަޅުކަންތައް އެމީހުންގެ ބަހުރުވައިން ލެއްވިއެވެ.

އަދި ޢަރަބިންގެ ތެރެއިން އެހެން މީހުންގެ މައްޗަށް ކިނާނަތު ވަންހަ ޚާއްޞަކުރައްވާ މާތްކުރައްވާ، ދެން ޤުރައިޝުން އެހެން ޢަރަބިންގެ މައްޗަށް މާތްކުރެއްވިއެވެ. އަދި ނަބިއްޔާ صلى الله عليه وسلم ގެ އާލުބައިތުން، ޤުރައިޝުންގެ މައްޗަށް މާތްކުރެއްވިއެވެ.

މިބާބުގެ ތެރޭގައި: ﷲ ތަޢާލާ ޞިއްޙަތު ސަލާމަތުން ހުރި މީހާ، ބަލިމީހާގެ މައްޗަށް މާތްކުރެއްވުމާއި، ބުއްދިވެރިޔާ މޮޔަމީހާގެ މައްޗަށް މަތިވެރިކުރެއްވުމާއި،
ލޮލަށް ފެންނަ މީހާ ލޯ އަނދިރިމީހާގެ މައްޗަށް، މުއްސަނދިމީހާ ފަޤީރުމީހާގެ މައްޗަށް، ރީތިމީހާ ހުތުރުމީހާގެ މައްޗަށް، ވަރުގަދަ މީހާ ބަލިކަށިމީހާގެ މައްޗަށް މަތިވެރިވުންވެއެވެ.

ﷲ ތަޢާލާ އިންސާނުން އުފައްދަވާ، އޭގެ އެއްބަޔަކު އަނެއްބަޔަކަށް ޚިދުމަތްތެރިކުރާ ގޮތަށް ލައްވާ، އެއްބަޔަކު އަނެއްބަޔަކުގެ މައްޗަށް ޢިލްމުންނާއި، ބުއްދިންނާއި، ބާރުވެރިކަމާއި، ދަރަޖައާއި، ވެރިކަމާއި، ޝަރަފާއި، ޙަސަބާއި ނަސަބާއި، ވަޒީފާތަކާއި، މަސައްކަތްތަކާއި، ޢަމަލުތަކާއި، މަޤާމުތަކާއި ޖިންސުންވެސް ދަރަޖަތައް އުފުއްލަވާ މަތިކުރެއްވިއެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
{وَرَفَعۡنَا بَعۡضَهُمۡ فَوۡقَ بَعۡضٍ دَرَجَٰتٍ لِّيَتَّخِذَ بَعۡضُهُم بَعۡضًا ‌سُخۡرِيًّاۗ} [الزخرف: ٣٢]
"އަދި ތިމަންއިލާހު އެއުރެންކުރެ ބައެއްމީހުން، އަނެއްބައި މީހުންގެ މައްޗަށް ދަރަޖަތަކަކަށް އުފުއްލަވާ މަތިކުރެއްވީމެވެ. އެއީ އެއުރެންކުރެ އެއްބަޔަކު އަނެއްބަޔެއްގެ ޚިދުމަތްތެރިކަން ހިފުމަށްޓަކައެވެ."

އެބަހީ: މިދިރިއުޅުމުގައި އެއްބަޔަކު އަނެއްބަޔަކުގެ މައްޗަށް ޚިދުމަތްތެރި މަސައްކަތްކޮށްދޭ ގޮތަށްވުމަށެވެ.
ހުރިހާ މީސްތަކުން އެއް ދަރަޖައެއްގައި އެއް މަޤާމެއްގައިވީނަމަ ބިން ފަސާދަވެދިޔައީހެވެ. އަދި ދިރިއުޅުން ހުއްޓި، އިންސާނުން އެއްބަޔަކު އަނެއްބަޔަކަށް ޚިދުމަތްކޮށް ނުދިނީހެވެ.

މިޙިކްމަތްތަކުގެ ތެރޭގައި ހަމަ : ﷲ ތަޢާލާ ފިރިހެނުންނާއި އަންހެނުން އުފައްދަވާ، އަދި ފިރިހެނުން އެއްބަޔަކު އަނެއްބަޔަކުގެ މައްޗަށް މާތްކުރައްވާ، އަދި އަންހެނުންވެސް ބައެއް އަންހެނުންގެ މައްޗަށް މާތްކުރެއްވުންވެއެވެ.
އަދި ފިރިހެނުންގެ ޖިންސު އަންހެނުންގެ ޖިންސުގެ މައްޗަށް ﷲ ތަޢާލާ މާތްކުރެއްވިއެވެ. އެއީ ދީނީ އަދި ދުނިޔަވީ ޙުކުމްތަކުގައެވެ.

އެގޮތުން ﷲ ތަޢާލާވަނީ ނަބީކަމާއި ރިސާލަތާއި، ޚިލާފަތާއި އިމާމަތާއި، ޤާޟީކަމާއި، ޢާއްމު ވެރިކަންތަކާއި، ޖިހާދާއި، ހުކުރާއި ޖަމާޢަތްތަކާއި، ހަށިގަނޑާއި ބުއްދީގެ ވަރުގަދަކަމުގައި ފިރިހެނުން މަތިވެރިކުރައްވާފައެވެ.

އަދި އަންހެނުންގެ މައްޗަށް ބަލަހައްޓާ ވެރިންކަމުގައި ވުމާއި، އަދަބުވެރިކުރުމުގެ ޙައްޤާއި، ކައިވެނިކުރުމާއި ވަރިކުރުމާއި، މުލާޢަނާކުރުމުންވެސް ފިރިހެނުން މަތިކުރެއްވިއެވެ.
އަދި ޚަރަދުތައްކުރުމާއި، ރަން ދިނުމާއި، އެކަކަށްވުރެ ގިނަ މީހުންނާއި އިނުމާއި، ނަސަބުދިނުމުގައިވެސް ފިރިހެނުން މަތިވެރިކުރެއްވިއެވެ.

އެގޮތަށްމެ ޢަޤީޤާ ކަތިލުމާއި، ވާރުތަ މުދަލާއި، މަރުގެދިޔައާއި، ހެކިބަސްދިނުމުގައިވެސް އެކަލާނގެ އަންހެނުންގެ މައްޗަށް ފިރިހެނުން މަތިވެރިކުރައްވާ، އަދި މިޙުކުމްތަކުގައި ފިރިހެނުންގެ ދެބައިކުޅަ އެއްބައިގެ މަޤާމުގައި އަންހެނާ ލެއްވިއެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
{وَلِلرِّجَالِ ‌عَلَيۡهِنَّ ‌دَرَجَة} [البقرة: ٢٢٨]
"އަދި އަންހެނުންގެ މައްޗަށް ފިރިހެނުންނަށް ދަރަޖައެއް ލިބިގެންވެއެވެ."

އަދިވެސް ވަޙީކުރެއްވިއެވެ:
{وَلَيۡسَ ‌ٱلذَّكَرُ ‌كَٱلۡأُنثَىٰۖ} [آل عمران: ٣٦]
"އަދި ފިރިހެނާ އަންހެނާއާ އެއްފަދަވެގެން ނުވެއެވެ."

އިބްނު ޢައްބާސް ވިދާޅުވިއެވެ:
"ﷲ އެ މުރާދުކުރައްވަނީ އަންހެނުންގެ މައްޗަށް ފިރިހެނުން މާތްކުރައްވާ މަތިވެރިކުރައްވާފައިވާ ކަންތަކުގެ ވާހަކައެވެ."===

2️⃣

8 months, 1 week ago

? ”އަހަރުމެންގެ ޒަމާނުގެ އަންހެނުންގެ ގާތަށް ވަދެފައިވާ މައްސަލަތަކާއި ޝުބުހަތަކުގެ އަޞްލުތައްވަނީ ދެއަޞްލަކަށެވެ:

ފުރަތަމަ އަޞްލަކީ: އިސްލާމްދީނުން ބޭރުވެގެންވާ -އަދި އިސްލާމްދީނުގެ މަޞްދަރުތައްކަމުގައިވާ ޤުރްއާނާއި ސުންނަތުން ނިކުމެގެންވާ- ދިމާލަކުން ޢަދުލާއި އަނިޔާވެރިކަން މިނެކިރާ،
ޤަދަރާއި މަތިވެރިކަން މިނާ ނާޅިއެއް ނަމޫނާއެއް ކަމުގައި، ރުޖޫޢަވާ މަޞްދަރެއްކަމުގައި އެ ޤަބޫލުކޮށްގެން،
ދެން އިސްލާމްދީނުގައި ޝަރުޢުވެގެންވާ ކަންކަމާއި ޙުކުމްތައް ނަގައިގެން މިހިރަ ޤަބޫލުކޮށްގެން އުޅޭ ޤަބޫލުކުރުންތަކާއި ރައުޔުތަކުން ޙުކުމްކުރުމަށް ގެންދިޔުމެވެ.

ދެވަނަ އަޞްލަކީ: ﷲ އާއި އެކަލާނގެ ރަސޫލާގެ ބަސްފުޅަށް، އަދި ޞަޙާބީންނާއި ތާބިޢީންގެ އިޖްމާޢުއަށް އީމާން ނުވުމާއި ބޯލަނބާ އަމާންނުދިނުމެވެ.
އަދި ޝަރުޢުވެގެންވާ ކަންކަމާއި ޙުކުމްތަކުގައި ދުނިޔަވީ ގޮތުން އަންހެން ޖިންސުގެ މައްޗަށް ފިރިހެން ޖިންސު މަތިވެރިކުރެވިގެން ވުމަކީ އަނިޔާވެރިކަމާއި، އަދި ޢަދުލުވެރިނުވުން ކަމުގައި ޤަބޫލުކޮށް އިޢުތިޤާދުކުރުމެވެ.

މިކަމަކީވެސް ފުރަތަމަ އަޞްލަށް ރުޖޫޢަވާކަމެކެވެ.
އެހެނީ އިންސާނިއްޔަތުގެ ދީންތައްކަމުގައިވާ -ސެކިއުލަރިޒަމްއާއި، ލިބެރަލިޒަމްއާއި، ފެމިނިޒަމްފަދަ ދީންތަކުން- އެމީހުންނަށް ފެނިގެން އިމްޕޯޓުކުރި، އަދި މީޑިޔާގެ ވަސީލަތްތަކާއި ތަޢުލީމާއި އިންޓަރނޭޝަނަލް ޤާނޫނުތަކާއި ޙައްޤުތަކަށް ގޮވާލާ މުއައްސަސާތަކުން ލާފައި އަދި ޒަމާނީ މީޑިޔާގެ ޕުރޮގްރާމްތަކުން ލާފައި އެމީހުންނަށް ވާޞިލުވި ހަމަހަމަކަމުގެ ޢަޤީދާއަށް އެމީހުން ރުހި ޤަބޫލުވީއެވެ.

ﷲ ގެ ޙަޟްރަތުން ވާގިއެދޭ ޙާލުގައި މިއަށް ރައްދުގައި ބުނަމެވެ:
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
{وَرَبُّكَ يَخۡلُقُ مَا يَشَآءُ ‌وَيَخۡتَارُۗ مَا كَانَ لَهُمُ ٱلۡخِيَرَةُۚ سُبۡحَٰنَ ٱللَّهِ وَتَعَٰلَىٰ عَمَّا يُشۡرِكُونَ.} [القصص: ٦٨]
"ކަލޭގެފާނުގެ ވެރިރައްބު އެދިވޮޑިގަންނަވާ އެއްޗެއް އުފައްދަވަތެވެ. އަދި އެކަލާނގެ އެދިވޮޑިގެންފި އެއްޗެއް ޚިޔާރު ކުރައްވަތެވެ. އެއުރެންނަކަށް އެއްވެސް އިޚްތިޔާރެއް ނެތެވެ. އެއުރެން ޝަރީކު ކުރާ ތަކެތިން ﷲ ހުސް ޠާހިރުވެ މަތިވެރިވެ ވޮޑިގެންވެއެވެ."

އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ:
{وَمَا كَانَ لِمُؤۡمِنٖ ‌وَلَا ‌مُؤۡمِنَةٍ إِذَا قَضَى ٱللَّهُ وَرَسُولُهُۥٓ أَمۡرًا أَن يَكُونَ لَهُمُ ٱلۡخِيَرَةُ مِنۡ أَمۡرِهِمۡۗ} [الأحزاب: ٣٦]
"އަދި ﷲ އާއި، އެކަލާނގެ ރަސޫލާ ކަމަކަށް ގޮތްކިޔުއްވާ ނިޔާކުރައްވައިފިހިނދު، މުއުމިނު ފިރިހެނަކަށްވެސް، އަދި މުއުމިނު އަންހެނަަކަށްވެސް، އެއުރެންގެ އެކަމުގައި އެއުރެންނަށް އިޚްތިޔާރެއް އޮތުމަކީ ނެތްކަމެކެވެ."

އިސްލާމްކަމުގެ އަޞްލަކީ: ބޯލަނބާ އަމާންދިނުމެވެ. (ދީނުގެ ޙުކުމްތަކަށް) ބޯލަނބާ ކިޔަމަންވުމުގެ މަތީގައި ފައިތިލަ ޘާބިތުވެގެން މެނުވީ އިސްލާމްކަމުގެ މަތީގައި އޭނާ ފައިތިލަ ހަރުލާ، އަދި އަޅާގެ އީމާންކަން ހަމަނުޖެހޭނެއެވެ.

ޚަލްޤުކުރެއްވުމާއި އަމުރުކުރެއްވުންވަނީ ﷲ އަށެވެ. އަދި އެކަލާނގެ އެދިވޮޑިގަންނަވާ ކަމެއް ކުރައްވާ އިޚްތިޔާރުކުރައްވައެވެ. އަދި އަހަރުމެންގެ މައްޗަށްވަނީ ބޯލަނބާ، ކިޔަމަންވެ، ޤަބޫލުކުރުމެވެ.
އެހެނީ އަހަރުމެންނަކީ އަޅުންނެވެ. އަދި އެކަލާނގެއީ އަހަރުމެންގެ ވެރި ރައްބެވެ. އަދި ނެތުމުގެ ތެރެއިން އަހަރުމެން އުފައްދަވާ، އެކަލާނގެއަށް ކިޔަމަންވުން ފަރުޟުކުރެއްވި ޚާލިޤެވެ.

ޚާލިޤުވަންތަ އިލާހު، އެކަލާނގެ އެދިވޮޑިގަންނަވާ އެއްޗެއް އުފައްދަވާ، ބައެއް މަޚްލޫޤުން އަނެއް މަޚްލޫޤުންގެ މައްޗަށް މަތިވެރިކުރެއްވުމަކީ އެކަލާނގެއަށް ލިބިގެންވާ ޙައްޤެކެވެ. އެއީ އެކަލާނގެ ޢިލްމުފުޅާއި ޙިކްމަތްފުޅާއި ޢަދުލުވެރިކަމުންނެވެ.

ފަހެ ﷲ ތަޢާލާ ބިން އުފައްދަވާ، ބިމުގެ ބައެއް ތަންތަން އަނެއްބައި ތަންތަނުގެ މައްޗަށް މާތްކުރެއްވިއެވެ.
އެގޮތުން މައްކާއާއި، މަދީނާއާއި، ބައިތުލް މަޤްދިސް އެނޫން ތަންތަނުގެ މައްޗަށް މާތްކުރައްވާ މަތިވެރިކުރެއްވިއެވެ.

އަދި ބައެއް ޒަމާންތައް އަނެއްބައި ޒަމާންތަކުގެ މައްޗަށް އެކަލާނގެ މަތިވެރިކުރެއްވިއެވެ.
އެގޮތުން ޙުރުމަތްތެރިވެގެންވާ މައްސަރުތައް އެހެން މައްސަރުތަކުގެ މައްޗަށް މާތްކުރައްވާ، ރަމަޟާންމަސް އެހެން މަސްތަކުގެ މައްޗަށް މަތިވެރިކުރެއްވިއެވެ.
އަދި ޛުލް ޙިއްޖާ މަހުގެ ދިހަ ދުވަސް އެހެން ދުވަސްތަކުގެ މައްޗަށް މަތިވެރިކުރައްވާ، ޢަރަފާތް ދުވަސް އެހެން ދުވަސްތަކުގެ މައްޗަށް މާތްކުރައްވާ، އަދި ހަމައެގޮތަށް އައްޔާމުއް ތަޝްރީޤު ދުވަސްތަކާއި، ހުކުރު ދުވަސް މާތްކުރައްވާ، ލައިލަތުލް ޤަދްރި އެހެން ރޭރޭތަކުގެ މައްޗަށް މާތްކުރެއްވިއެވެ.

ހަމައެގޮތަށް އެކަލާނގެ ބައެއް އިންސާނުން އަނެއްބައި އިންސާނުންގެ މައްޗަށް މާތްކުރެއްވިއެވެ. އެގޮތުން އިންސާނުންގެ ތެރެއިން ނަބިއްޔުން އެހެން މީހުންގެ މައްޗަށް މާތްކުރައްވާ، އަދި ނަބިއްޔުންވެސް އެއްބޭކަލަކު އަނެއްބޭކަލެއްގެ މައްޗަށް މާތްކުރެއްވިއެވެ. ===

1️⃣

8 months, 1 week ago

?އިމާމް އަޙްމަދު (241ހ) ވިދާޅުވިއެވެ:

”އޭގެ ވެރިޔާ ވަރުގަދަ ވަސްވާސްތަކާއި މޮޅިވެރި ވިސްނުންތަކަށް ވައްޓާލީ ކިތައް ކިތައް ނަޒަރު (ބަލާލުން) ހެއްޔެވެ!؟“

? އަލްމުޣުނީ ލިއިބްނު ޤުދާމާ ?

8 months, 1 week ago

?އިބްނު މުޙައިރީޒު ވިދާޅުވިއެވެ:

”ﷲ ގެ ރަސޫލާ صلى الله عليه وسلمގެ ޞަޙާބީއެއްކަމުގައިވާ ފަޟާލާ ބްނު ޢުބައިދު (53ހ) އާއެކު އަހަރެން އުޅުނީމެވެ. ދެން އަހަރެން ދެންނެވީމެވެ:

"ﷲ ތިބާއަށް ރަޙްމަތްލައްވާށިއެވެ! އަހަރެންނަށް ނިކަން ވަޞިއްޔަތެއް ކޮށްދެއްވާށެވެ."

ވިދާޅުވިއެވެ:
"ތިބާ އަހަރެންގެ ކިބައިން ތިންކަމެއްގައި ހިފައިގެން ރައްކާތެރިވާށެވެ. ﷲ ތަޢާލާ އެކަންތަކުން ތިބާއަށް މަންފާ ކޮށްދެއްވާނެއެވެ:

ތިބާއަށް (އެހެން މީހުންނާއި ޢިލްމު) އެނގި،
(އެހެން މީހުންނަށް) ތިބާއަކީ ކާކުކަން ނޭނގި ވާން އޮވެއްޖެއްޔާ ތިބާ އެހެން ކަންތައް ކުރާށެވެ!

ތިބާ ވާހަކައެއް ނުދައްކާ
ހަމައެކަނި އަޑުއަހަން ހުންނަން ވާން އޮވެއްޖެނަމަ ފަހެ އެހެން ކަންތައްކުރާށެވެ!

ތިބާ (އެހެން މީހުންގެ ގާތުގައި ޢިލްމު ހޯދަން) އިށީންދެ،
ތިބާގެ ގާތުގައި ނުއިށީންދެވި ވާން އޮތިއްޔާ އެހެން ހަދާށެވެ.“

? އަލްމުޢުޖަމުލް ކަބީރު ލިއްޠަބަރާނީ، ޙިލްޔަތުލް އައުލިޔާ، ތާރީޚު ދިމަޝްޤު ?

8 months, 1 week ago

? އިބްނުލް ޖައުޒީ (597ހ) ވިދާޅުވިއެވެ:

”މުދަލާއި ފައިސާގެ ފިތުނައާމެދު ސަލަފުންގެ ބޭކަލުން ބިރުފުޅު ގަންނަމުން ދިޔައެވެ.

އެގޮތުން ޢުމަރު ބްނުލް ޚައްޠާބަށް (ރަށްތައް) ފަތަޙަވެ (މުދާތަކާއި ޣަނީމާތައް ލިބޭތަން) ފެނިވަޑައިގަންނަވާހިނދު ކީރިތިކުރައްވާ ވިދާޅުވެއެވެ:

"ﷲ ތަޢާލާ އެކަލާނގެ ނަބިއްޔާއާއި އަބޫބަކުރަށް މިއިން ނުބައެއް ލިބިދާނޭތީ އެދެބޭކަލުންނަށް މިތަކެތި ނުދެއްވާ ހިފަހައްޓަވާފައި،
ދެން ޢުމަރަށް މިތަކެތި ދެއްވީ ޢުމަރަށް މިއިން ހެޔޮކަން ލިބޭތީކަމުގައި ނުވާނެއެވެ!"

އަދިވެސް ޢުމަރު ވިދާޅުވެއެވެ:
"ތިމަންނާ ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވަނިކޮށް އަޑުއެހީމެވެ:

"އެއްވެސް ބަޔަކުގެ މައްޗަށް ﷲ ތަޢާލާ ދުނިޔެ ހުޅުވާދެއްވައިފިނަމަ، އެބަޔަކުގެ މެދުގައި ޢަދާވާތްތެރިކަމާއި ރުޅިވެރިކަން ޤިޔާމަތްދުވަހާ ހަމައަށް ލައްވައިގެން މެނުވީ ނުވެއެވެ!"
ތިމަންނާ އެކަމާމެދު ބިރުގަންނަމެވެ."

ޒައިނަބުއަށް (ބައިތުލް މާލުން ދެއްވާ) މުދަލާގެން ޢުމަރުގެފާނު އެކަމަނާއަށް ފޮނުއްވިހިނދު އެކަމަނާ ވިދާޅުވިއެވެ:

"އޭ ﷲ އެވެ!
މިފަހަރަށް ފަހުގައި ދެން ޢުމަރު ދޭ މުދާތައް އަޅާއަށް އަތުޖެހޭނެގޮތް މެދުވެރި ނުކުރައްވާށިއެވެ!"

ޔަޙްޔާ ބްނު މުޢާޛު ވިދާޅުވިއެވެ:
"ދިރްހަމު ފައިސާއަކީ ނަގުލަންދާށްޓެކެވެ!
އެއަށް (ފަރުވާކޮށް) ރުޤްޔާކުރަން ތިބާއަށް ރަނގަޅަށް ނޭނގޭނަމަ އެނުނަގާށެވެ!

އެހެނީ އޭތި ތިބާގެ ގައިގައި ކަށިޖަހައިފިނަމަ އޭގެ ވިހައިން ތިބާ ޤަތުލުކޮށްލާނެއެވެ!"

ދެންނެވުނެވެ:
"އޭގެ ރުޤްޔާއަކީ ކޮބައިތޯއެވެ؟"

ވިދާޅުވިއެވެ:
"ޙަލާލު ގޮތުގައި އެނެގުމާއި، އޭގެ ޙައްޤު މަޤާމަށް އެ ލުމެވެ."

އަދިވެސް ވިދާޅުވިއެވެ:
"ޚަލްޤުތަކުން އެފަދަ ކަމެއްގެ އަޑުނާހާފަދަ ބޮޑުވެގެންވާ ދެ މުޞީބާތެއް، އަޅާ މަރުވާހިނދު އޭނާގެ މުދަލާމެދު ޖެހެއެވެ!"

ދެންނެވުނެވެ:
"އެއީ ކޮން ދެކަމެއްތޯއެވެ؟"

ވިދާޅުވިއެވެ:
"(މަރުވާހިނދު) އޭނާގެ އަތުން މުދާތައް އެކުއެކީ ނެގެނީއެވެ.
އަނެއްކޮޅުން އެހުރިހާ ތަކެއްޗާ މެދު އޭނާއާ ސުވާލުވެސް ކުރެވެނީއެވެ." “

? މިންހާޖުލް ޤާޞިދީން ?

10 months ago

? ”ޘަޤާފީގޮތުންވާ ޚުދުމުޚްތާރު އަޅުވެތިކުރުން، އަދި ގަދަވެފައިވާ (ހުޅަނގުގެ) ޘަޤާފަތުގެ ފިކުރުތަކާއި މަފްހޫމުތަކާއި ތަޞައްވުރުތަކަށް ކުޑަކަކޫޖަހާ، ނިކަމެތިވެގެން މީސްތަކުން އުޅޭ އުޅުމަށް ބައެއް މިސާލުތައް ޖަހާލަން ހިނގާލާށެވެ.

މީސްތަކުންގެ ތެރެއިން އެއްބަޔަކުގެ ގާތުގައި އެންމެ މުހިއްމު ޤަޟިއްޔާއަކީ:
«ޚިލާފުވާމީހާއާމެދު ބަހައްޓާ މައުޤިފު» ކަމުގައި ވެފައިވާތަން ތިބާއަށް ފެންނާނެއެވެ.

އަދި މިމައުޟޫޢުއާމެދު އޭނާ ޙަޤީޤަތުގައިވެސް ދަތި އުނދަގޫކަމެއް ޖެހިގެން، (ކަންތައް ބޮޑު ކޮށްލައިގެން) އުޅޭތަން ފެންނާނެއެވެ.
އެއީ އިސްލާމީ ތަރިކައިގެ ތެރޭގައި ވަރަށް ޢާދައިގެ މައުޟޫޢަކަށް އެކަންވާއިރުވެސްމެއެވެ. ޚިލާފުވާ ޚަޞްމުންނަށް ފާޑުކިޔުން އޭގައި އައިސްފައިވާ ހުރިހާ ކަމެއްގައިއެވެ.

އަދި ޢިލްމުވެރިންނާއި ސަލަފުންގެ އިމާމުން، ޚިލާފުވެ (ދެކޮޅުހަދާ) މީހުންނަށް ސާފުކޮށް، ކަނޑައެޅި ވަރުގަދަކޮށް (ރައްދުދީ) ފާޑުކިޔާ ބަސްބުނުމުގައި ދެމިތިއްބެވިއެވެ.

ތިބާ އޭނާގެ ގާތުގައި މިހެން ސުވާލުކޮށްފިނަމަ:
"ޚިލާފުވާ މީހާއާމެދު މައުޤިފު ބަހައްޓާ ގޮތް ހަމަ މިދަނޑިވަޅުގައި، ބޮޑު ކާރިޘާއެއް ގޮތުގައި ނަގައިގެން މިއުޅެނީ ކީއްވެހެއްޔެވެ؟
މިނިވަންކަމުގައި ޙައްދުފަހަނައަޅާ ދިޔުމުގެ ރޫޙު ފެތުރެމުންދާ ލިބެރަލް ފިކުރުގެ ނަމޫނާ ކުރިހޯދާފައިވާ ތާރީޚުގެ މިދުވަސްވަރުގައިއެވެ."

ފަހަރެއްގައި މިހެން ސުވާލުކޮށްލުމަކީ މިމައުޟޫޢާމެދު (އެބަހީ: ޘަޤާފީގޮތުން ހުޅަނގުގެ ފިކުރުތަކާއި ޝިޢާރުތަކާއި މަފްހޫމުތަކުގެ އަސަރު ކަންކަމަށް ކޮށްފައިވާކަމާމެދު) މުސްތަޤިއްލުކޮށް ވިސްނާ ފިކުރުކުރުމަށް ދެވޭ ތަޅުދަނޑިއެއް ކަމުގައި ވެދާނެއެވެ.

އަނެއްކޮޅުން އަނެއްބަޔަކުގެ ގާތުގައި، ރާފިޟީންގެ ނުރައްކާތެރިކަމާމެދު ވާހަކަދައްކާ، އެމީހުންގެ މަގުފުރެދުމުގެ ވާހަކަދައްކާ، އެމީހުންގެ ޝުބުހަތައް ފުނޑާލުމުގައި ވާހަކަދެއްކުމަކީ މިހާރު ނުބައިކުރެވޭ ޠާއިފިއްޔާ (މުސްލިމުން ބައިބައިކޮށް ވަކި ޖަމާޢަތަކާ ޖައްސާލާ ތަފާތުކުރުން ގެންގުޅުން) ކަމަށްވަނީ ވެފައިއެވެ.

ރަނގަޅެވެ. ސުންނަތުގެ އަހުލުވެރިން މިދިޔަ ދިގު ތާރީޚުގެ ތެރޭގައިވަނީ ރާފިޟީންނާމެދު،
މިޒަމާނުގެ ދާޢީން އޭގެ އަތްގޮށްޓެއް އަދި އޭގެ އެއްބަޔަށްވެސް ނުފޯރާވަރަށް ވާހަކަދައްކާ ބަސްބުނެފައިއެވެ.

ދެން (ކުއްލިއަކަށް)، ޖަމާޢަތްތަކާ ބެހުން މަނާކުރާ ގޮތަށްވާ ހުޅަނގުގެ ލިބެރަލް ފިކުރު ގަދަވެފައިވާ ހަމަ މިދުވަސްވަރާ ދިމާކޮށް،
ރާފިޟީންގެ މަގުފުރެދުމުގެ ވާހަކަދެއްކުމަކީ ބޮޑު ކާރިޘާއެއްކަމުގައި، (ތަފާތުކޮށް ބައިބައިވުން އުފައްދާ) ޠާއިފިއްޔާ ކަމުގައިވީ ކީއްވެހެއްޔެވެ؟

އަހަރެން އުއްމީދުކުރަނީ މިސުވާލަކީ އޭގެ ކުރިމަތީގައި ކުޑަކަކޫޖެހިގެންވާ ޘަޤާފީގޮތުންވާ ބާރުން ބޭރުގައި ވިސްނާ ފިކުރުކުރުމަށްވާ ތަޅުދަނޑިއެއްކަމުގައި ވުމަށެވެ.

އަދި ތިބާއަށް އަނެއްބަޔަކު ފެންނާނީ «ފާޑުކިޔަންޔާ ފިކުރުތަކަށް ފާޑުކިޔާށޭ ޝަޚްޞުންނާ ނުބެހޭށޭ» މިހެން ތިބާއަށް ބުނާތަނެވެ.

މައްސަލައެއް ނެތެވެ. ބަލަ ސަލަފުންގެ ބޭކަލުން ފާޑުކިޔުއްވާ ބަސްވިދާޅުވަމުން ގެންދެވީ ޝަޚްޞުންނާއި ފިކުރުތައްވެސް -ދެބައިވެސް- ހިމެނޭ ގޮތަށް ނޫންހެއްޔެވެ!؟

އަޞްލު ސަލަފުންގެ އަރިހުގައި މިގޮތަށް ދެބައި ވަކިކުރުމެއް ނުވެސްވެއެވެ. ފިކުރަށް ފާޑުކިޔާފައި (އެފިކުރު ފަތުރާ) މީހާއަށް ފާޑުނުކިޔާށޭ މިބުނާ ފަރަޤުކުރުމެވެ.
(ބުނި ބަހާއި ޢަމަލު ކުށްވެރިކޮށްފައި ބަސްބުނެ ޢަމަލުކުރި މީހާ ކުށްވެރިނުކުރާށޭ ބުނެ ފަރަޤުކުރުމެވެ.)

ޝަޚްޞުންގެ މިނިވަންކަން މަތިކޮށް ޙައްދުފަހަނައަޅާފައިވާ، އަދި މިމައުޟޫޢުގެ ނާޒުކުކަން މާމަތިކުރާ ގޮތަށްވާ ލިބެރަލް ފިކުރުގެ ނަމޫނާގެ ސިޙުރުވެރިކަމުގައި އަހަރުމެން ޖެހި، އެއަށް ނިކަމެތިވެ ބޯލަނބައިގެންވާތަން ތިބާއަކަށް ނުފެނޭހެއްޔެވެ!؟

އަނެއްބަޔަކު ގާތުގައި: «މުންކަރާތްތައް މަނާކޮށް އިންކާރުކުރުމުގެ ޝަރުޢު» މިއާމެދު މައްސަލަ ބޮޑުވެގެން އުޅެއެވެ.

އެހެނީ އެއީ އަތްގަދަކޮށްފައިވާ ލިބެރަލް ނަމޫނާއިން އޭނާ ބޮއެފައިވާ މިނިވަންކަމާ ޚިލާފުކަމަކަށް ވާތީއެވެ.

އެގޮތުން ތިބާއަށް އޭނާ ފެންނާނީ، އެއްވެސް މީހަކު މުންކަރާތަކަށް އިންކާރުކުރާތަން އޭނާއަށް ފެނިއްޖެނަމަ "ތިޔައީ އެހެން މީހުންގެ ކަންތަކާ ބެހެން އުޅުމޭ، (ގުޅުން ކެނޑޭ ގޮތަށް) ދުރުކޮށްލުމޭ ބާކީކޮށްލުމޭ" މިފަދަ ބަސްތައް ބުނާތަނެވެ.

މި ޢިބާރާތްތަކަކީ އޭގެ (ފަހަތުގައި ފޮރުވިގެން) ނާރުތަކުގައި އުފުލަމުންދާ ލިބެރަލިޒަމްގެ ވިންދުޖެހުން ހުރި މިންވަރަށް ބަލާއިރު ހުސްއެކަނި އަދަބީ ގޮތުން ބުނެލާ ޢިބާރާތްތަކެއް ނޫނެވެ..“

-އިބްރާހީމު އައްސަކްރާނު-

? ސުލްޠަތުއް ޘަޤާފަތިލް ޣާލިބާ ?

We recommend to visit

• ᴏғғɪᴄɪᴀʟ  ᴄʜᴀɴɴᴇʟ 🫀🕊

• мʏɜыᴋᴀᴧьнᴀя ᴀᴛʍᴏᴄɸᴇᴩᴀ 🌪

• оҕнᴏʙᴧᴇния кᴀждый дᴇнь 👑

• тᴏᴧьᴋᴏ хиᴛᴏʙыᴇ тᴩᴇᴋи и видᴇᴏ🚀

• тᴏᴨᴏʙыᴇ кᴀᴩᴛинᴋи 🐋

• пᴩияᴛнᴏᴦᴏ пᴩᴏᴄᴧʏɯиʙᴀния 🌚

• Ⲧⲟⳑⲕⲁ ⲕⲁⲓϝϝ 🍇

• создᴀтᴇль: @Im_orginal ❤️🐊

Last updated 9 hours ago

Last updated 7 months, 3 weeks ago

Last updated 11 months, 3 weeks ago